Soorathuge Ranhaaru - Holhudhoo Abdulla | Dhivehi Madhaha |

ސޫރަތުގެ ރަންހާރު ------------- ޅެން:މަޢުމޫން ޢަބްދުލްޤައްޔޫމް ކިޔާފައިވަނީ:އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) މިއީ 1999ވަނަ އަހަރު އޭރުގެ ރައީސުލްޖުމުހުރިއްޔާ އަލްއުސްތާޛް މަޢުމޫން ޢަބްދުލްޤައްޔޫމް ހައްދަވައިފައިވާ ޅެމެކެވެ.މި 32 ބައިތުގެ ޅެމުގައި ކީރިތި ޤުރުޢާނުގެ ހުރިހާ ސޫރަތްތަކެއްގެ ނަން ތަރުތީބުން ވަރަށް ރީތިކޮށް ގެންނަވާފައިވެއެވެ.މި ޅެމުގެ ތާރީޚެއްގެ ގޮތުގައި 26 ޖޫން 1999 އޮތް ނަމަވެސް، މި ޅެން އެންމެ ފުރަތަމަ ޝާއިއުކުރެވިފައިވަނީ، 1999 ވަނަ އަހަރުގެ އޮގަސްޓް މަހު ނުކުތް، ފަތްތޫރައިގެ 245 ވަނަ އަދަދުގައެވެ. އެއީ ވޮލިއުމް 21، ނަންބަރު 5 ވަނަ އަދަދެވެ. ފަތްތޫރައިގެ ދެންނެވުނު އަދަދުގައި، "ސޫރަތުގެ ރަންހާރު" މި ޅެން ޝާއިއުކުރެއްވި އިރު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ލިޔުއްވާފައިވެއެވެ. "ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހައްދަވާފައިވާ "ސޫރަތުގެ ރަންހާރު" މި ފުރިހަމަ ފަށުވިދިގު ޅެމަކީ ޤުރުއާނުގައި ހުރި ތަރުތީބުން ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ނަންތައް ޅެމުން އެކުލަވައިލައްވައިފައިވާ ދިވެހި ޤުރުއާނު ޅެން ބައެކެވެ. ދިވެހީނަށް މިހައިތަނަށް ފެނިފައި ވަނީ ޢަރަބި ބަހުން ދިވެހި ޅެންވެރިއަކު ހައްދަވާފައި އޮތް ޤުރުއާނު ޅެން ބައެކެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މިހައިތަނަށް ހަތަރު ފަސް ޅެމެއް ހައްދަވާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ޅެމެއް ޝާއިއުކުރައްވާފައެއް ނެތެވެ. 32 ބައިތުގެ މި "ސޫރަތުގެ ރަންހާރު" އަޅުގަނޑުމެންނަށް ހާމަކޮށްދިން ހަގީގަތަކީ، އެމަނިކުފާނަކީ ހަމައެކަނި މޮޅު އަދީބެއް ނޫން ކަމެވެ. އަދި ކީއްތޯއެވެ. އެމަނިކުފާނަކީ ކުޅަދާނަ ޅެންވެރިއެއްވެސް މެއެވެ. މި ޅެންބައި ޢާއްމުންނަށް ފުރަތަމަ އިވިގެން ދިޔައީ ޤުރުއާން ކިޔެވުމުގެ 14 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެމަތީ މަޖިލީހުން 1 ޖުލައި 1999 (17 ރަބީޢުލްއައްވަލް 1420) ދުވަހުގެ ރޭ އެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިޒުނަފުޅާއި އެކު މި ޅެންބައި އިއްވައިދެއްވީ އެމަނިކުފާނުގެ އެގްޒެކެޓިވް ސެކްރެޓަރީ އަލްފާޟިލް ޢަބްދުﷲ ޝާހިދެވެ".